ބައިގަޑިއެއްހާ އިރު ފަހުން ޒިޔާން ނިކުތުމާ އެކީ އިފާޝާ ފާހާނާއަށް ވަނެވެ. އަވަސް އަވަހަށް ފެން ވަރާލައިގެން އިފާޝާ ނިކުތް އިރު ޒިޔާން ކޮޓަރިއަކު ނެތެވެ. އެގަޑީގައި ޒިޔާން ބޭރަށް ދިޔައީޔޭ ހިތަށް އަރާ ކަންބޮޑުވެ ހުރެ އިފާޝާ ކޮޓަރިން ނިކުތެވެ. ނަމަވެސް ކާމޭޒު ކައިރީގައި ކޮފީތައްޓެއް ހިފައިގެން އިން ޒިޔާން ފެނިފައި އިފާޝާގެ ފިޔަވަޅު ހުއްޓުނެވެ.
އިފާޝާ ނިކުތުމުން ޒިޔާން ބަލާލިއެވެ.
"އިފާ އޮށޯވޭ، އަހަރެންވެސް މިދަނީ" ޒިޔާން ބުންޏެވެ.
އެއްވެސް އެއްޗެއް ނުބުނެ އިފާޝާ ކޮޓަރިއަށް ވަނެވެ. ގަޑިއެއްހާ އިރު ފަހުން ޒިޔާން ވަން އިރުވެސް އިފާޝާ އޮތީ ހޭލައެވެ. ޒިޔާން ވަނުމާއެކު ބިއްދޮށަށް އެނބުރި އޮތް އިފާޝާ ލޯ މަރާލީ ހޭލާ އޮތް ކަން ޒިޔާންއަށް ނާންގަން ވެގެންނެވެ.
އެނދު ކައިރީގައި އިރުކޮޅަކު އިފާޝާއަށް ބަލަން ހުރެފައި ޒިޔާން އޮށޯތެވެ. ލޯ މަރާލި ނަމަވެސް ނިންޖެއް ނައެވެ. އެރޭ ދެމީހުންވެސް ހޭދަ ކުރީ ނުނިދައެވެ.

